ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގު ކާމިޔާބު ކުރެއްވި އިރު ކުރީގެ މަޖިލިސް މެމްބަރު ޝިފާގު މުފީދު (ހިސްޓޯ)އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ހަ ދާއިރާގެ ޕްރައިމަރީ ވަނީ މިއަދު ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ފަޒުލް ޕްރައިމަރީގައި ކުރިމަތިލާފައިވަނީ ފެލިދޫ ދާއިރާއަށެވެ. އެ ދާއިރާގައި އޭނާގެ އިތުރުން ކުރިމަތިލާފައިވަނީ އަހުމަދު ނާޒިމް އާއި އަބްދުލް މުހައިމިން ނަސީރެވެ. އެގޮތުން ފަޒުލް އަށް ވަނީ 326 ވޯޓުގެ ތެރެއިން 216 ވޯޓު ލިބިފައެވެ.
ސިއްދީގު ކުރިމަތިލެއްވީ ތުލުސްދޫ ދާއިރާއަށެވެ. އެ ދާއިރާގައި އޭނާއާ ވާދަކޮށްފައިވަނީ ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އާދަމް އިޔާޒް އަދި ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތެވެ. ސިއްދީގަށް 203 ވޯޓު ލިބުނު އިރު، އޭނާއާ އެންމެ ކައިރިން ވާދަކުރި ނާއިފަށް ލިބިފައިވަނީ 136 ވޯޓެވެ.
ޝިފާގް މުފީދު ކުރިމަތިލާފައިވަނީ އަލިފުށި ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމްލަ 498 ވޯޓުލާފައިވާއިރު ހިސްޓޯއަށް ލިބިފައިވަނީ 148 ވޯޓެވެ. އެ ދާއިރާ ކާމިޔާބުކޮށްފައިވަނީ މާލެ، ދަފްތަރު 3840، އަހުމަދު ހުސައިން އެވެ. އޭނާއަށް ވަނީ 195 ވޯޓު ލިބިފައެވެ.
އެ ދާއިރާއަށް ދެން ކުރިމަތިލާފައިވަނީ އާމިނަތު މަދީހާ އާއި ހާޝިމް މުހައްމަދެވެ.
ފެލިދޫ ދާއިރާ އާއި ތުލުސްދޫ ދާއިރާ އަދި އަލިފުށި ދާއިރާގެ އިތުރުން ޕްރައިމަރީ ކުރިއަށް ގެންގޮސްފައިވަނީ ހދ. މަކުނުދޫ އާއި މ. މުލައް އަދި ތ. ކިނބިދޫ ދާއިރާ އެވެ. އެ ދާއިރާތައް ކާމިޔާބުކުރި ފަރާތްތައް ތިރީގައި އެވަނީއެވެ.
މަކުނުދޫ ދާއިރާ : ޔަޝްފާ އަބްދުލްޣަނީ، ރޯޒަރީ، ހދ. މަކުނުދޫ
ކިނބިދޫ ދާއިރާ : އަހުމަދު ހަލީލް، ހުވަނދުމާގެ، ތ. ކަނޑޫދޫ
މުލަކު ދާއިރާ : މަރިޔަމް ޖުނައިހާ ސޯދިގު، ހ. ސޭޑީޔާޑް، މާލެ