ޑެންގޫއަށް ޕޮޒިޓިވްވެގެން ފ. ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ހަ ކުއްޖަކަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން މިރޭ މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.
ފީއަލީގައި ހަލުވިކަމާއެކު ޑެންގޫ ހުން ފެތުރެން ފަށާފައިވާއިރު އޭގެ ސަބަބުން 10 ކުއްޖަކު ޑެންގޫއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެ ކުދީންނަށް ހެލްތު ސެންޓަރުން ފަރުވާ ދެމުން ގެންދާ ކަމަށް ކައުންސިލުން ވަނީ ކުރީން ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންގެންދާ ހަ ކުއްޖަކު މާލެއަށް ގެންނަނީ އެމްއެންޑީއެފްގެ ސީއެމްބިއުލަންސްގައި ކަމަށެވެ. އަދި މިރޭ 9:30 ހާއިރު އެކުދީން މާލެއަށް ގެނެވޭނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ފީއަލީ ކައުންސިލްގެ ނައިބު ރައީސް މޫސާ އަހްމަދު މިއަދު ވިދާޅުވީ އެ ރަށުގައި ހުން ޖެހިގެން ފުރަތަމަ ރިޕޯޓްކުރީ މީގެ ދުވަހެއް ކުރީން ކަމަށެވެ.
"އަދިވެސް ހުން ކޮންޓްރޯލެއް ނުކުރެވޭ. އެއްވެސް ކުއްޖެއްގެ ހާލު އަދި ސީރިއަސްއެއް ނޫން. ނަމަވެސް ހުން ޖެހިގެން މީގެ ކުރިން ކުއްޖަކު ވަނީ މާލެ ފޮނުވާލާފައި،" އޭނާ ވިދާޅުވިއެވެ.