ޚަބަރު

އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެ ނަމަ ބަރުލަމާނީ ނިޒާމަށް ބަދަލުކުރާނެ ކަމަށް ގަބޫލުކުރަން : ޖަމީލު

އަހުމަދު ޖައިޝަން

3

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ނައިބު ރައީސް ޖަމީލު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރާ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ގައުމު ނުރައްކަލަކަށް ދާނެ ކަމެއް ކަމަށެވެ.

"ނުރައްކަލަކަށް ވެގެން މި ދަނީ، އެއީ އަޅުގަނޑުމެން ހައްލުކުރަން ޖެހޭ މައްސަލަތައް މަދެއް ނޫން. ބައިވަރު މައްސަލަ އެބަހުރި. މި ހުރިހާ ކަންތައްތަކެއް އެއްފަރާތްކޮށްފައި ވީތޯ ހަމަ މި އިންތިހާބު ނިމޭއިރަށް އަނެއްކާ ރާއްޖޭގެ ނިޒާމު ބަދަލުކޮށް، ޕްރައިމް މިނިސްޓަރަކާއި ރައީސާއި ދެން މިހުރިހާ ކަންތައް، މިއީ ތޯއޭ ކުރަން އެންމެ ރަނގަޅު ކަމަކީ؟ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޑރ. ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އެމްޑީޕީގެ ފަރާތްތަކާ ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ސުވާލުކުރުމުން އެ ފަރާތްތަކުން އެކަމާ ދެކޮޅު ހަދާފައި ނުވާ ކަމަށެވެ.

އަދި އެފަދަ ވިސްނުމެއް އެމްޑީޕީން ގެންގުޅުމުގެ ސަބަބު އެފަރާތްތައް ދޭން ޖެހޭ ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި އެގޮތަށް ބަދަލު ކުރަނީ ކޮން ކަމެއް ހާސިލުކުރަން ކަންވެސް އެމްޑީޕީން ހާމަކުރަން ޖެހޭ ކަމަށް ޖަމީލު ފާހަގަކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟