ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ފަނޑިޔާރުންނަށް ގިނަ ފަހަރަށް ނުފޫޒު ވަންނަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
"އަވަސް ހުކުރު" ޕްރޮގްރާމް"ގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު އޮތް ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި ޝަރުއީ ނިޒާމުގައި މައްސަލަތައް ދިމާވެގެން އުޅެނީ ޖޭއެސްސީއާއި ފަނޑިޔާރުންނަށް ނުފޫޒު ވަންނާތީ ކަމަށެވެ.
ޝަރުއީ ނިޒާމު މިހާރުވެސް ގޯސްއިރު އެމްޑީޕީގެ ފަރާތުން 19 ވަނަ މަޖިލީހަށް ގެންނަން ނިންމާފައިވާ އެޖެންޑާ 19ގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމް އިތުރަށް ގޯސްވެގެންދާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.
އެމްޑީޕީގެ އެޖެންޑާ 19ގައި ބުނާގޮތުން ރެޖިސްޓްރާއަށް ބޮޑެތި ބާރުތަކެއް ދޭ ކަމަށާއި ރެޖިސްޓްރާ ކަނޑައަޅަނީ މަޖިލީހުން ކަމަށް ޖަމީލު ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަވަނީ ބާރުތައް ވަކިކޮށްގެން އެ ތަންތަނަށް ނުފޫޒު ނުވަންނަ ގޮތަށް ނިޒާމް ބައްޓަން ކުރާ ވާހަކަ. ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އެގޮތަށް ހެދުމަކުން އެ ރަނގަޅު ވާނެ ކަމަކަށް،" ޑރ. ޖަމީލު ވިދާޅުވިއެވެ.