ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަން "ވަން" އަށް ކަށަވަރުވެއްޖެއެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު "ވަން" އަށް މިއަދު ކަށަވަރު ކޮށްދިން ގޮތުގައި، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މެންދުރުފަހު ދުބާއީ މަގުން އެމިރޭޓްސްގެ ފްލައިޓެއްގައެވެ. އިނގިރޭސި ވިލާތުން އެމަނިކުފާނު ދުބާއީއަށް ވަޑައިގަތީ އެގައުމުގައި ކުރިއަށްދާ ދުބާއީ އެކްސްޕޯގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވި ނަމަވެސް، ރާއްޖޭގައި ހޭދަކުރައްވަނީ ކިހާ ދުވަހެއް ކަމެއް ނުވަތަ އަލުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.
ރައީސް ނަޝީދު ރާއްޖެ މި ވަޑައިގަންނަވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މިއަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް މެއި މަހުގެ 13 ވަނަ ދުވަހު ރާއްޖެ ރާއްޖެ ދޫކޮށް ވަޑައިގެންނެވިތާ ފަސް މަސް ފަހުންނެވެ.
އެމަނިކުފާނު ވަނީ ޖަރުމަނާއި އިނގިރޭސި ވިލާތުންވެސް ފަރުވާ ހޯއްދަވައިފައެވެ. އަދި ރައީސް ނަޝީދު ހާލު މިހާރު ރަނގަޅު ކަމަށް އާއިލާ އިން ބުނެއެވެ.