ޚަބަރު

ރައީސްގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ މިނިވަންކަން ނެގެހެއްޓުމަށް އޮތް މަތިވެރި އަޒުމް ހާމަވޭ : އެމްޑީޕީ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި، އެމްޑީޕީގެ ތަސައްވުރާ އެއްގޮތަށް ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓުމަށާއި ފަރުދީ މިނިވަންކަމާއި ހައްގުތައް ކަށަވަރުކުރުމަށް އޮތް މަތިވެރި އަޒުމު ހާމަވެގެން ގޮސްފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންނަށް އުއްމީދު ގެނެސްދެނެވި ރިޔާސީ ބަޔާނަށްޓަކައި ރައީސް ސޯލިހަށް ޝުކުރާއި މުބާރިކުބާދީ ދަންނަވާ ކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ތަސައްވަރު ހަގީގަތަކަށް ހެދުމުގައި ރައީސް ހާމަކުރެއްވި ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްފުޅުތަކުގެ ސަބަބުން ރައްޔިތުންގެ އުއްމީދު އާލާ ވެގެންގޮސްފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

"ނޫ އިގްތިޞާދު"ގެ ސިޔާސަތުގެ ދަށުން މުޅި ޖަޒީރާ ތަރައްގީވެގެންދާނެ ގޮތްވެސް ރައީސްގެ ރިޔާސީ ބަޔާނުން ހާމަވެގެން ގޮސްފައިވާކަމަށް އެމްޑީޕީން ބުންޏެވެ.

"ލާމަރުކަޒީކުރުމާއި ފަރުދުންގެ އާމްދަނީގެ ޓެކްސް ތައާރަފުކުރުމާއި ވަޒީފާގައި އުޅޭ ފަރާތްތަކަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާއި ވަޒީފާނެތުމުން ވަޒީފާ ހޯދަން މަސައްކަތްކުރަމުންދާ ފަރާތްތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމުގެ ހަރުދަނާ އަޒުމު އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ." އެ ބަޔާނުގައި ވަނީ ބުނެފައެވެ.