ދިވެހިރާއްޖެއިން އިންޑިއާ އަށް އަލަށް ކަނޑައެޅުއްވި ސަފީރު އައިޝަތު މުހައްމަދު ދީދީގެ ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ރައީސް ރާމް ނާތު ކޯވިންދް އަށް މިއަދު އަރުއްވައިފި އެވެ.
އައިޝަތު މުހައްމަދު ދީދީގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވާފައިވަނީ އެމަނިކުފާނުގެ ގަނޑުވަރު ރަޝްތްރަޕަތީ ބަވަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސް ވަނީ ރާއްޖޭގެ ސަފީރާ ބައްދަލުކުރައްވައި މަރުހަބާ ދަންނަވާފައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުންގެންދާ ގިނަގުނަ އެހީތަކަށް ވަނީ އޭނާ ޝުކުރު އަދާކުރައްވާފައެވެ.
އައިޝަތު މުހައްމަދު ދީދީއަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރެވެ.