ތަނެއްގެ ހަމަޖެހުން ބިނާވެގެންވަނީ އެތަނެއްގެ މުޖުތަމައުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދު އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ގައުމުގައި ހަމަޖެހުން ގާއިމު ކުރުމަށްޓަކައި މިއަދު ދިވެހި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގައި އެންމެން ގުޅި، ހިއްސާވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެދޭ ކަންކަން ހާސިލު ކުރުމަށްޓަކައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންނަށް ގޮވައިލެއްވިއެވެ.
ރައްޔިތުންގެ އުއްމީދުތައް ހާސިލު ކޮށްދިނުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރަޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ކައުންސިލްތަކާ ގުޅިގެން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ.
މިގޮތުން ވަކިން ހާއްސަކޮށް، ތައުލީމީ ދާއިރާއިން ރާވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މީގެ ކުރިން ރާއްޖޭގައި ކަނޑައަޅާފައި ނުވާވަރުގެ ބޮޑު ބަޖެޓެއް މިއަހަރު ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ތައާރަފު ކުރެއްވުމާއި ޒުވާނުންގެ ކުރިއެރުމަށްޓަކައި އެކިއެކި ދާއިރާއިން ފަހިކޮށްދެމުން އަންނަ ފުރުސަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ހޯނޑެއްދުއަށް ކުރެއްވި މި ޒިޔާރަތުގައި އެރަށުގެ ކައުންސިލާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވިއެވެ.