ޚަބަރު

ފީއަލީގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ، މިހާތަނަށް ދިހަ ކުއްޖަކު ޑެންގޫއަށް ޕޮޒިޓިވް

ފ. ފީއަލީގައި ހަލުވިކަމާއެކު ޑެންގޫ ހުން ފެތުރެމުންދާކަން ފާހަގަވެއްޖެއެވެ.

ފީއަލީ ކައުންސިލްގެ ނައިބު ރައީސް މޫސާ އަހްމަދު "ވަން އޮންލައިން"އަށް ވިދާޅުވީ ހަލުވިކަމާއެކު ފީއަލީގައި ޑެންގޫ ހުން ފެތުރެމުންދާ ކަމަށާއި މިހާތަނަށް ދިހަ ކުދިން ޑެންގޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާ ކުދިންނަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި ފ. އަތޮޅު ހޮސްޕިޓަލުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ވެސް މިހާރު ގެނެސްފައިވާ ކަމަށް ފީއަލީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

"ހުން ޖެހިގެން ފުރަތަމަ ރިޕޯޓުކުރެވުނީ މީގެ އެއް ދުވަސް ކުރިން. އަދިވެސް ހުން ކޮންޓްރޯލެއް ނުކުރެވޭ. އެއްވެސް ކުއްޖެއްގެ ހާލު އަދި ސީރިއަސްއެއް ނޫން. ނަމަވެސް ހުން ޖެހިގެން މީގެ ކުރިން ކުއްޖަކު ވަނީ މާލެ ފޮނުވާލާފައި،" އޭނާ ވިދާޅުވިއެވެ.

ފީއަލީ ކައުންސިލްގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ ކައުންސިލުންނާއި އެ ރަށު ސިއްހީ މަރުކަޒުން ވެސް ސަރުކާރުގެ ސަމާލުކަމަށް މިހާރު އެކަން ގެނެސްފައިވާނެ ކަމަށެވެ.