ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ އެއްވެސް ބަޔަކު، އެއްވެސް ރަށެއް، އަދި އެއްވެސް ރައްޔިތެއް ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވެފައިވަނީ ފަރެސްމާތޮޑާއާއި ފުވައްމުލަކު ސިޓީއާ ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ގާއިމުކޮށްފައިވާ ލޯންޗް ފެރީގެ ހިދުމަތް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރު ހިންގުމުގެ ކަންކަމުގައި ސާމިލުވާ ހުރިހާ ފަރާތްތަކަކުން ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
މީގެ އިތުރުން މުސްތަގުބަލުގެ ޖީލަކީ ވަރުގަދަ ގައުމިއްޔަތެއް ދިރުވައިދޭނެ، ގައުމަށް ތަރައްގީ ގެނެސްދޭނެ ޖީލަކަށް ހެދުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.