ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފަރެސްމާތޮޑާއާއި ފުވައްމުލަކު ސިޓީއާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއާއި ފުވައްމުލަކު ސިޓީއާ ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ގާއިމުކޮށްފައިވާ ލޯންޗް ފެރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވައިފިއެވެ.

ފަރެސްމާތޮޑާއާއި ފުވައްމުލަކު ސިޓީއާ ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ގާއިމުކޮށްފައިވާ ލޯންޗް ފެރީގެ ހިދުމަތް ނައިބު ރައީސް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްގީގެ ކުރިއެރުންތައް ލިބިގެން ދިއުމުގެ ހަގީގަތަކީ ރައްޔިތުން އެކަކު އަނެކަކާ ގުޅިލާމެހި ކުރެވޭ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. އަދި ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށްޓަކައި އަބަދުވެސް ގުޅިގެން މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ފަރެސްމާތޮޑާއަށް ކުރެއްވި މިޒިޔާރަތުގައި އެރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.