އަންހެނަކު އޭނާގެ ކައިވެނި ހަފުލާގައި ކައްސާލައިގެން ވެއްޓި އަނިޔާވުމުން ޕާޓީ އިންތިޒާމު ކުރި ފަރާތުން ބޮޑު އަދަދަކުން ބަދަލު ހޯދަން އެދިއްޖެއެވެ.
އުމުރުން 35 އަހަރުގެ ކެރާ ޑޮނޮވަން ބުނާ ގޮތުގައި އިނގިރޭސިވިލާތުގައި މިފަދަ ޕާޓީތަކަށް ހާއްސަ ނަން މަޝްހޫރު ތަނެއް ބޮޑު އަގުގައި ހިޔާރު ކުރީ ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާތީ އެވެ.
އެސެކްސްގެ ލީޒް ޕްރައޮރީ ގައި ބޭއްވި މި ކައިވެނި ޕާޓީގައި ކެރާ ކައްސާލައިގެން ވެއްޓުމުގެ ސަބަބުން ބޮޑު އަނިޔާއެއް ވަނީ ލިބިފައެވެ. އޭނާ ވެއްޓެން ދިމާވީ ނެށުމަށް ހާއްސަކޮށްފައިވާ ޑާންސް ފުލޯއަށް ވެރިފައި ހުރި ބޯ އެއްޗެއްސަށް އެރި ކައްސައިލުމުގެ ސަބަބުންނެވެ. ކެރާ ބުނާ ގޮތުގައި އެތަނަށް ބޯ އެއްޗެހި އެޅެން ދިމާވީ ޕާޓީ އިންތިޒާމު ކުރި ފަރާތުން ބަލަންވާ ވަރަށް ބަލާފައި ނުވާތީ އެވެ. އަދި މިއީ އެމީހުންގެ ފަރުވާކުޑަކަމުން ވީކަމެއް ކަމަށް ބުނެ އޭނާ ތުހުމަތުކުރާ ގޮތުގައި ބޯ އެއްޗެއްސަށް ހާއްސަކޮށްފައި ހުރި މޭޒު ބަހައްޓާފައި ހުރީ ޑާންސް ފުލޯއާ މާ ގާތުގައެވެ.
މި ކަން ހިނގާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކެރާ ބުނާ ގޮތުގައި އޭނާގެ އުޅަނބޮށްޓަށް ލިބުނު އަނިޔާގައި މިހާތަނަށް ތިން އޮޕަރޭޝަނެއް ވަނީ ކުރަން ޖެހިފައެވެ. އަދި އެކަމުގެ ސަބަބުން ދާއިމަށް ގެއްލުން ލިބުން ކަމަށާއި ވަޒީފާ އަދާކުރުމަށްވެސް ހުރަސް އެޅުނު ކަމަށެވެ.
މިސަބަބުތަކާ ހެދި ކެރާ ވަނީ ޕާޓީއަށް އެތަން ދޫކުރި ކައުންޓީ ހައުސް ވެޑިންގް ލިމިޓެޑް އާ ދެކޮޅަށް ކޯޓުގައި މައްސަލަ ޖައްސައިފައެވެ. މި މައްސަލަ ކޯޓަށް ވައްދައި އެ ކުންފުނިން އޭނާއަށް ބަދަލުގެ ގޮތުގައި 150،000 ޕައުންޑު އަނބުރާ ދައްކަން ޖެހޭނެ ކަމުގައި ކެރާ ވަނީ ބުނެފައެވެ.