ގައުމީ މަސްލަހަތަށް ވުރެ ސިޔާސީ ފިކުރު އިސްނުކުރުން މުހިންމު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ރޭ ކުރިއަށްދިޔަ ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދިވެހިންނަކީ ފަހުރުވެރި ތާރީހަކާއި ޝަރަފުވެރި އަހްލާގީ މަތިވެރި ޒިކުރާ ތަކެއް އެކުލެވިގެންވާ ފުރިހަމަ ތާރީހެއް އޮތް ގައުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ގައުމުގެ ކާބަފައިން ދީނާއި ގައުމަށްޓަކައި ނަމޫނާ މިސާލު ދައްކަވާފައި ހުރި ކަމަށާއި ހުރަވީ ދުވަސް އެ ބޭފުޅަކަށް ހާއްސަވެގެންވާ ދޮންބަންޑާރަ ފަދަ ބަތަލުންގެ ވާހަކައިން މިކަން ދޭހަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ އަހަރެމެންނަށް އެންމެ އިސްވާންޖެހޭނީ ދީނާއި ގައުމު ކަމަށް ވިދާޅުވެ ގައުމީ މަސްލަހަތަށް ވުރެ ސިޔާސީ ފިކުރު އިސްނުކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ގައުމީ މަސްލަހަތަށްވުރެ ސިޔާސީ ފިކުރު އިސްކޮށްފި ހާލަތެއްގައި ގައުމު އަޅުވެތިކަމާ ދިމާއަށް ލެނބިގެން ހިނގައިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަމަ އެހެންމެ މިނިސްޓަރ ވަނީ މާދަމާއާ ހަމައަށް މި ގައުމު އިއްޒަތާއި ޝަރަފާއި ކަރާމާތާއި މިނިވަންކަމާއެކު ގެންގޮސް ދެވޭނީ މިހާރު އަޅުގަނޑުމެން ކުރާ މަސައްކަތަކުން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މީގެ ކުރީގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު ގައުމުތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައި ވަނީ އެދުވަސްވަރެއްގެ ހާލަތާއި ކަން ހިނގަމުންއަންނަ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ޒަމާން ބަދަލުވެގެން އައި އައުމާއެކު މިހާރު އަހަރެމެން ގައުމާއި ދީނުގެ ހިމާޔަތުގައި ތެދުވަން ޖެހެނީ ކަނޑިބަޑި ހިފައިގެން ނޫން ކަމަށާއި ނަމަވެސް މިހާރު ދިމާވަމުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެނީ ވިސްނުންތެރިކަމާއި ހިކުމަތާއި ފިކުރާ އެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިހާރު އަހަރެމެންގެ ވިސްނުމާއި ސިކުުނޑިތަކަށް އަމާޒުކޮށް އަންނަ ނުރައްކާތެރި ވިސްނުންތަކާއި ކުރިމަތިލައިގެން ނޫނީ ގައުމަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތި ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރޭގެ މިރަސްމިއްޔާތުގައި ދައުލަތުގެ އެކި އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.