އިންޑިއާއާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަހް،ަދި ދީދީ ދެއްކެވި ވާހަކަތައް ފަތުރަނީ މާނަ އޮޅޭ ގޮތަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ މިނިސްޓަރ މާރިޔާ، އިންޑިއާއަށް ކުރެއްވި ދަތުރުފުޅުއްގައި އިންޑިއާގެ ނިއުސް ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ އެއް ގައުމު އަނެއް ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އިހްތިރާމް ކުރާ ދެ ގައުމު ކަމަށެވެ. އަދި ދެ ގައުމަކީވެސް އެކުވެރި ދެގައުމު ކަމަށާއި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑު ކަމަށް ވިޔަސް ދެ ގައުމަކީ އަބަދުވެސް ދެ ގައުމުގެ މިނިވަންކަމަށް އިހްތިރާމް ކުރާ ދެ ގައުމު ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ.
ނަމަވެސް މި އިންޓަވިއުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގެ ތެރެއިން އެއްބައި އުނިކޮށްގެން ފަތުރަމުން ދިއުމުގެ ސަބަބުން މިނިސްޓަރ ދެއްކެވި ވާހަކައިގެ މާނަ އޮޅޭ ކަމަށާއި މިއީ ސުލްހަ މަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާއެއް ހޯދުމަށް ފަތުރާ ހަބަރެއް ކަމަށް މި ބަޔާނުގައި ވެއެވެ. އަދި މިނިސްޓަރ މާރިޔާ ހުންނެވީ ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި، އިސްތިގުލާލާއި ސިޔާދަތު ދިފާއުކޮށް ދެމެހެއްޓުމުގައި ސާބިތުވެކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.