ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުގެ ބައެއް ފެލްޓްތަކުގެ ފެން ބިލް ބޮޑުވާތީ ފެން ލީކެއް އުޅޭތޯ ބެލުމަށް އެމްޑަބްލިޔުއެސްސީން އެދިއްޖެއެވެ.
އެމްޑަބްލިޔުއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފެން ބިލު ބޮޑުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ އެޕާޓްމެންޓްތަކުންނާއި ގޭގެ ފެންވަޔަރިން ވޭލްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން ކަމަށެވެ.
ހިޔާގެ ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން ފާހަގަކޮށް އެމްޑަބްލިޔުއެސްސީން ބުނީ ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަން ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ، ފްލެޓްގެ ވޭލްތައް އަދި އިސްކުރުތައް ރަނގަޅަށް ބާރުކުރުމަށްފަހު، މީޓަރު އެނބުރޭތޯ ބަލައި، އެއްވެސް ފެން ލީކެއް އުޅޭކަން ޔަގީންކުރުމަށް އެދޭ ކަމަށެވެ. އަދި މީހުން ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ ފެންމީޓަރުގެ ވޭލްތައް ބަންދުކޮށްފައި ބެހެއްޓުމަށްވެސް އެކުންފުނިން އެދިފައިވެއެވެ.
ހިޔާ ފްލެޓްގެ ފެން ލީކެއް އުޅޭކަން ފާހަގަވާނަމަ، އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން، 105 އަށް ގުޅައި އެކަން އެންގުން އެކުންފުނިން ވަނީ އެދިފައެވެ.