ޚަބަރު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަ ދާއިރާއެއްގެ ޕްރައިމަރީ މާދަމާ ބާއްވަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަ ދާއިރާއެއްގެ ޕްރައިމަރީ މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްއާއި ކޮންގްރެސް ޕާޓީން ވަނީ ކޯލިޝަން ހަދައިފައެވެ. ކޮންގްރެސް ޕާޓީއަކީ ވެސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަ ދާއިރާއެއްގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހު 3:00 އިން ފެށިގެން މާދަމާ ހަވީރު 6:00 އަށެވެ. މާދަމާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ހދ. މަކުނުދޫ، ރ. އަލިފުށި، ކ. ތުލުސްދޫ، ވ. ފުލިދޫ، މ. މުލައް އަދި ތ. ކިނބިދޫ ދާއިރާއެވެ.

އެ ދާއިރާތަކަށް ޖުމްލަ 19 ކެންޑިޑޭޓުން ވާދަކުރާ އިރު، ވ. ތިނަދޫ ފިޔަވައި މާލެއާއި ހުރިހާ ރަށެއްގައި ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. ޕްރައިމަރީގައި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ދަފުތަރުގައި ތިބި މެމްބަރުންނަށް ވެސް ވޯޓު ލެވޭނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސިވް ކޯލިޝަނުން މައުލޫމާތު ދެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާތަނަށް ވަނީ ޕްރައިމަރީއަކާ ނުލައި ޖުމްލަ 63 ބޭފުޅަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޓިކެޓު ދީފައެވެ.