ޚަބަރު

ހުޅުމާލެ ފޭސް 2ގައި ދެ ސްކޫލު އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ހުޅުމާލެ ފޭސް 2 ގައި ދެ ސްކޫލެއް ޑިޒައިންކޮށް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އެ ދެ މަސައްކަތަށް ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ބުނީ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނު ކުރީ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުން ކަމަށެވެ.

މި މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަނީ އީޕީސީ ޓާންކީ އުސޫލުން، ކޮންޓްރެކްޓާ ފައިނޭންސް ކުރާ ގޮތަށެވެ. އަދި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ދެ މަސައްކަތަށްވެސް ޕްރޮޖެކްޓް ބިޑު ސެކިއުރިޓީގެ ގޮތުގައި 850،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން ދައްކަން ޖެހޭ އިރު، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން، މި މަސައްކަތްތަކަށް ބީލަން ހުޅުވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ބުނެފައިވާ ގޮތުން ފޭސް 2 ގައި 14 ސްކޫލެއް އިމާރާތް ކުރާނެއެވެ. އެކަމަށް ބިންވެސް ކަނޑައަޅާފައިވާ އިރު، ފުރަތަމަ ސްކޫލު އިމާރާތް ކުރަން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ.