ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގައްދުއަށް ކުރެއްވި ޒިޔާރަތެއްގައި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގދ. ގައްދޫގެ ގޮފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވަވައިދެއްވައިފި އެވެ.
ގައްދޫގައި ގާއިމްކޮށްފައިވާ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ މިފަދަ މަރުކަޒެއް ހުޅުވިގެން ދިއުމުން އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި، ފަރުވާތެރިކަމާއެކު ހިއްޕެވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެންނެވުމަށްޓަކައި ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި އެމަނިކުފާނަށް ނައިބު ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. މިއާއެކު ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ގައުމު ތަރައްގީ ކުރުމުގައި ހަމަޖެހުމުގެ އައްސޭރިއަކަށް ވާސިލު ކުރުމަށް އެންމެން އަތުކުރި އޮޅާލައިގެން، އަތު ގުޅާލައިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
ނައިބު ރައީސް ގައްދުއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ގައްދުއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ ”މަސްޖިދުލް އަމީން“ މިސްކިތް ހުޅުއްވައިދެއްވަވާފައެވެ.