އަލީ ޔާމިން
ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހީންނަށް އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖު އަދަދުތައް މިނިމަމް ވޭޖް ބޯޑުން ނިންމައި، މިނިސްޓަރަށް ލަފާ ދޭން ފާސްކޮށްފިއެވެ.
މިނިމަން ވޭޖު ބޯޑުގެ ފަރާތުން އިކޮނޮކިމް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ފޮނުވި ލަފާގައިވަނީ ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރުގެ މިނިމަމް ވޭޖް މައިގަނޑު ހަތަރު ދާއިރާއަކުން ކަނޑައަޅައިފައެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.
ޕަބްލިކް ސެކްޓަރުގައި ނުވަތަ ސިވިލް ސާވަންޓުންގެ ތެރެއިން ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންގެ މިނިމަމް ވޭޖަކީ މަހަކު 7،000 ރުފިޔާއެވެ. ނަމަވެސް ހަ ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި ޕަބްލިކް ސެކްޓަރަށް ކަނޑައަޅާނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ.
ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވަނީ ގަޑިއިރަކަށް ވަކި އަދަދެއް ލިބޭ ގޮތަށެވެ. އެގޮތުން ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް ކަނޑައަޅާފައިވަނީ 24.04 ރުފިޔާއެވެ. އެއީ މަހަކަށް ބަލާނަމަ 5،700 ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.
މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް ކަނޑައަޅާފައިވަނީ 33.65 ރުފިޔާއެވެ. އެއީ ދުވާލަކު އަށް ގަޑިއިރަށް ބަލައިފި ނަމަ މަހެއްގެ މައްޗަށް 8،076 ރުފިޔާއެވެ.
އެސްއެމްއީ ކްލެސިފިކޭޝަނަށް ނުފެތޭ ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް ކަނޑައަޅާފައިވަނީ 42.79 ރުފިޔާއެވެ. އެއީ ދުވާލަކު އަށް ގަޑިއިރަށް ބަލައިފި ނަމަ މަހެއްގެ މައްޗަށް 10،269 ރުފިޔާއެވެ.
ދިވެހީންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދުތައް ނިންމައި، މިނިސްޓަރަށް ލަފާ ދޭން ނިންމާފައިވީ ނަމަވެސް، ބިދޭސީންނަށް އެންމެ ދަށް އުޖޫރަ އަދި ކަނޑައަޅައިފައެއް ނުވެއެވެ. އެންމެ ދަށް އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.