ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ޑައުން ވެއްޖެއެވެ.
އިންސްޓަގްރާމް އަދި ވަޓްސްއެޕަކީވެސް ފޭސްބުކް އިން ހިންގާ އެޕްތަކެކެވެ. މި ތިން އެޕް ޑައުންވެފައިވަނީ މިރޭ 9:00 ހާއިރުއެވެ.
ފޭސްބުކް އިން ބުނީ އެ އެޕްތައް ޑައުންވެފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ނަމަވެސް މި ތިން އެޕް ޑައުންވާން މެދުވެރިވި ސަބަބެއް ފޭސްބުކް އިން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެޕްތައް ލޯޑް ކުރުމުން "އެރާ" އަރާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އަދި އެޕްތައް ލޯޑްވި ނަމަވެސް އެއްވެސް އާ އެއްޗެއް ނުފެންނަ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.