ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާނީ އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާ އެއްގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހު، މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމާ ގުޅިގެން ރިޔާސީ ބަޔާނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށާއި ފަތުރުވެރިކަން ކުރިއަރުވާނީ ދީނާއި ސަގާފަތާއި އާދަކާދައަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ މެދު ރައްޔިތުން ކުރި ތުހުމަތުތައް މިހާރު ނައްތާލެވިއްޖެ ކަމަށާއި އަމާޒަކީ މިއަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތް އިންގިލާބަކަށް ބަދަލުކުރާނެ އަހަރަކަށް ހެދުން ކަމަށެވެ.
އަދި ފަތުރުވެރިކަމާ ދޭތެރޭގައި މިހާރު ދެކެވަޑައިގަންނަވަނީ ވަރަށް އުޖާލާކޮށް ކަމަށާއި ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދިއުމަށް މިހާރު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން ފަތުރުވެރިކަމަށް ދޫކޮށް، ނެހެދިހުރި ރަށްތަކާ ގުޅޭ ގޮތުން ރައްޔިތުން ޝަކުވާ ކުރަމުންދާ ކަމަށާއި އެރަށްތައް ނުނިންމާ ހުރުމުން އެތައް ރައްޔިތުންނެއްގެ ވަޒީފާގެ ފުރުސަތުތައް ވެސް ގެއްލިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެގޮތުގައި ރަށްތައް ނުބާއްވާނެ ކަމަށާއި އެކަން ބަދަލުކޮށް ނެހެދިހުރި ރަށްތައްވެސް ހަދާ ނިންމާނެ ކަމަށް ވިދާޅުވިއެވެ.