މިދިޔަ އޯގަސްޓު މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު 0.08 ޕަސެންޓް އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ސްޓެޓިސްޓިކް ބިއުރޯ އިން އާންމުކުރި މިދިޔަ އޮގަސްޓު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)ގެ ހިސާބުތައް ދައްކާ ގޮތުން އޮގަސްޓު މަހުގެ އިންފްލޭޝަން ރޭޓަކީ 0.08 ޕަސެންޓެވެ. އަދި ޖުލައި މަހުގެ އިންފްލޭޝަން ރޭޓު ހުރީ 2.80 ގައެވެ.
މަހުގެ އަގުތަކަށް އައި ބަދަލާ ނުލައި ބަލައިފިނަމަ އޮގަސްޓު މަހުގެ އިންފްލޭޝަން ރޭޓު ހުރީ 0.12 ގައެވެ. އެ އަދަދު ޖުލައި މަހު ހުރީ 2.99 ގައެވެ.
ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮގަސްޓު މަހުން މިއަހަރުގެ އޮގަސްޓު މަހާ ހަމައަށް އިންފްލޭޝަން ރޭޓް ވަނީ 0.45 މައްޗަށް ގޮސްފައެވެ. އަދި މިދިޔަ އަހަރުގެ ޖުލައިން މިއަހަރުގެ ޖުލައިއަށް ބަލާއިރު، އިންފްލޭޝަން ރޭޓް ވަނީ 0.91 މައްޗަށް ގޮސްފައެވެ.
ސްޓެޓިސްޓިކް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި މަހާ އަޅައި ބަލާ އިރު، އޮގަސްޓު މަހު ރާއްޖޭގެ ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ 0.90 ޕަސެންޓް މަތިވެފައެވެ. އަދި ގޭގެ ކުލި، ފެން، ކަރަންޓު، ގޭސް އަދި ތެލުގެ ބައިން ވަނީ 0.12 ޕަސެންޓް މަތިވެފައެވެ.