ޚަބަރު

''ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން''ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ގަސްދުކުރަން: ރައީސް

އަހުމަދު ޖައިޝަން

"ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ގަސްދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ރައީސް މިއަދު އިއްވެވި ރިޔަސީ ބަޔާނުގައި ވިދާޅުވީ އެ ކޯޕަރޭޝަންގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އަދުލުވެރި އަދި އިތުބާރު ހިފޭ ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ މަސައްކަތްކުރުމުގެގޮތުން "ހައުސިންގ ނީޑް އެސެސްމަންޓެއް" ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.