މާލެ ސަރަހައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާގައި ރައީސް މިއަދު އިއްވެވި ރިޔަސީ ބަޔާނުގައި ވިދާޅުވީ އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ. އެ މަޝްރޫއަކީ 18 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އޮލިމްޕިކް ސައިޒް ޕޫލުގެ ދިގުމިނުގައި 50 މީޓަރު ހުންނާނެ އެވެ.
"މިއީ ބައިނަލްއަގުވާމީ ކުޅިވަރު މައިދާންތަކުން، ރަން ވަނަތަކަށް އުންމީދުކުރާ ޒުވާނުންނަށް އުފާވެރި ހަބަރަކަށް ވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޅިވަރުތައް ތަރައްގީކޮށް އާލާކުރުމަކީ ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.