ހުޅުމާލެ ދެވަނަ ފިޔަވަހީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ދިރާގުން ހައިސްޕީޑް ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ދޭން ފަށައިފިއެވެ.
ހައުސިން ޑިވެލޮމްޕެންޑް ކޯޕަރޭޝަން (އެޗްޑީސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް އެންމެ ފުރަތަމަ ހޯދި ކަސްޓަމަރާ ދިރާގު އަދި އެޗްޑީސީގެ އިސްވެރިން ވަނީ ބައްދަލު ކުރައްވައިފައެވެ.
އެޗްޑީސީން ބުނީ ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބާ ބްރޯޑްބޭންޑާއި ޓީވީގެ ހިދުމަތަށް އެދުމަށް މާދަމައިން ފެށިގެން 10 އޮކްޓޯބަރ ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ދިރާގުގެ ޓީމަކުން ފޭސް ދޭއްގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެޗްޑީސީއާ ގުޅިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑާއި ޓީވީ ފޯރުކޮށްދެވިގެން ދިއުމަކީ ނުހަނު އުފާވާ ކަމެއް ކަމަށެވެ.
"އެޗްޑީސީއާ އެކު މި ވެވޭ އެއްބަސްވުމާއެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކަކީވެސް މާލޭގެ އެހެން ސަރަހައްދު ތަކެކޭ އެއްގޮތަށް އެއް ފެންވަރެއްގައި، އަގުގެ ތަފާތެއް ނެތި، އެއްއަގެއްގައި ދެވޭނެ ހިދުމަތްތަކެއްކަން ޔަގީންކުރުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދީ، ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުމަށް." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓު އަދި ޓީވީގެ ހިދުމަތް ފޯރުކޮށްދިން ކުންފުންޏަކަށް ދިރާގު ވެގެން ދިއުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ދެ ކުންފުނީގެވެސް އަމާޒަކީ އަޅުގަނޑުމެންގެ މުޖުތަމައުގައިވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމުގައި ވުމުން، މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީ އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް" ސުހައިލް ވިދާޅުވިއެވެ.
އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސާވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް އެއް ފައިބަ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.