އިބްރާހިމް ޒަކީ
ތެލަސީމިޔާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ނެވެ.
ސަރުކާރުގެ ސިއްހީ ދާއިރާގެ ބައެއް ސިޔާސަތުތައް ހާމަ ކުރައްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، ތެލަސީމިޔާ ކުދީންގެ އަދަދު، އަހަރުން އަހަރަށް އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ތެލަސީމިޔާ ކުދީންގެ އަދަދު، އަހަރުން އަހަރަށް އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ "ސީރަމް ފްރިޓީން" ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އޭގެ އިތުރުން، ރާއްޖޭގައި އިތުރުވަމުން އަންނަ "ސަރވިކަލް ކެންސަރ" ބަލި ޖެހޭ އަންހެނުންގެ އަދަދު މަދުކުރުމަށްޓަކައި، ނުވަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ އަންހެން ކުދީންނަށް، އެޗް.ޕީ.ވީ ވެކްސިން، މި އަހަރުގެ ތެރޭގައި ދޭން ފެށޭނެ ކަމަށެވެ. އަދި ވައުދުވެވަޑައިގެންފައިވާ ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގައި، ޓަރޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު، ދިވެހީންގެ ވިސްނުމަށާއި ސިއްހަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ، ސިއްހަތަށް ގެއްލުން ހުރި ތަކެތީގެ ބޭނުންކުރުމާއި، ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. ސިއްހަތަށް ނުރަނގަޅު ކާބޯތަކެއްޗާއި، ނުރަނގަޅު އާދަތަކުން ދިވެހީން ހަލާކުވަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.