ޝަހީދާ އަބްދުﷲ ސައީދު
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބެއްލެވުމަށްޓަކައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތިލަދުންމައްޗަށް މިއަދު ފުރާވަޑައިގެންފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރު އަލީ ވަހީދުގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫއަށާއި ކެލާ، އަދި ތިލަދުންމަތީ ދެކުނު ބުރި ހަނިމާދޫއަށާއި ކުޅުދުއްފުއްޓަށް ކަމަށެވެ.
މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިނިސްޓަރުގެ މިދަތުރުފުޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެއްލެވުމުގެ އިތުރުން އެރަށްތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމާއި ގުޅޭގޮތުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާއި އަދި އެވިޔަފާރީގެ ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރައްވާނެއެވެ.
އަދި މިދަތުރުފުޅުގައި އެރަށްތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބިޒްނަސް ކޮމިއުނިޓީއާ ވެސް ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.