މި އަހަރުގެ ތެރޭގައި އިތުރު 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، އެ މަސައްކަތްކުރަނީ ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ގޮތުން ކަމަށެވެ.
"އެ ރަށްރަށުގައި މި ނިޒާމު ގާއިމުކުރުމުން، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު، މިހާރާ އަޅައި ބަލާއިރު ދެ ގުނަ އިތުރުވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ގަނެވިއްކުމަށް ސާކުގެ މެންބަރު ގައުމުތަކަށް މަގުފަހިވާ ގޮތަށް އެކުލަވައިލި، އެއްބަސްވުން "ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)" ދިވެހި ރާއްޖެއިން ތަސްދީގުކުރުމަށް ވަނީ ނިންމާފައެވެ.