އިބްރާހިމް ޒަކީ
ދަޅުގައި މަސްބަންދުކުރުމުގެ ގާބިލްކަން އިތުރުކޮށް ފިނިކުރި ރޯމަހުގެ އެކްސްޕޯޓް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ދެއްވުމުގެ ޖަލްސާއަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ސަރުކާރުގެ މަސްވެރިކަމާބެހޭ ސިޔާސަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ހާމަ ކުރައްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާކޮށް ފޯރުންތެރިކަން އިތުރުކުރުމަކީ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
"މިގޮތުން މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ، ވެލިއު އެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ މަހުގެ ބާވަތްތަކެއް ކަމުގައި ހަދައި، ދަޅުގައި މަސް ބަންދުކުރުމުގެ ގާބިލުކަން އިތުރުކޮށް، ފިނިކުރި ރޯމަހުގެ އެކްސްޕޯޓް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަސްވެރި އާއިލާތަކުގެ އާމްދަނީ އިތުރުކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން، ޑީސަލްގެ އިމްޕޯޓް ޑިއުޓީ މިހާރު ވަނީ ކަނޑާލައިފަ އެވެ. ދަނޑުވެރިކަމަށް އެތެރެކުރާ 158 ބާވަތެއްގެ ތަކެތީން ނަގާ އިމްޕޯޓު ޑިއުޓީވެސް މިހާރު ވާނީ ކަނޑައިލައިފަ އެވެ.
މިފްކޯގެ ފަރާތުން އައްޑޫ ސިޓީގެ ހުޅުމީދޫގައި ގާއިމުކޮށްފައިވާ މަސް ކާރުހާނާ ފުރިހަމަކޮށް، މި އަހަރު މަސައްކަތް ފެށޭނެ ކަމަށާއި، އަދި އިތުރު ރަށްރަށުގައި، އައިސް ޕްލާންޓް ގާއިމުކޮށް، ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަވެސް މި އަހަރު އިތުރުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުުގައި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރެއިން، މަސްވެރީންނަށާއި ދަނޑުވެރީންނަށް މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ވެސް ސަރުކާރުގެ ވުޒާރާތަކުން ވަނީ ފަށައިފަ އެވެ.