ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް އުފައްދާ "ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ"، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު މިއަދު އިއްވެވި ރިޔަސީ ބަޔާނުގައި ވިދާޅުވީ އެ ސެންޓަރު ގާއިމުކޮށް ނަފްސާނީ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
"ކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ގާއިމުކުރަމުން،" އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ މެންޓަލް ހެލްތުގެ ބިލްވެސް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.