ރިފާ ހަލީލު
ހުޅުމާލޭގެ އެކި ސަރަހއްދުތަކުގައި އާންމުން ހައްދާފައި ހުރި ރުއްގަސް ދެވަނަ ފިޔަވައްސަށް ގެންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު ވިދާޅުވީ މަގަށް ގެއްލުންވާ ގޮތަށް ދުވާރު ކައިރީގައި ހައްދާފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ހުސްވި ހަފުތާއިން ފެށިގެން އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.
އެ ރުއްގަސް އެތަނުން ނަގަނީ ދުވާރު ކައިރީގައި ހުންނަ ގްރީން ވޭޖާސް ސަރަހައްދުގައި އިންދޭނީ ވަކި ވައްތަރެއްގެ ގަސްތައް ކަމަށް ވުމުން ކަމަށެވެ. އެގަސްތަކަކީ މަގަށް ގެއްލުންވާނެ ގޮތަކަށް ބޮޑެތި މޫ ފެތުރޭ ގަސްތަކަށް ވާ ނަމަ ގަސްތައް އެ ސަރަހައްދުގައި އިންދުމަކީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ އެސަރަހައްދުގައި މަގަށް ގެއްލުން ލިބޭ ގޮތަށް ހައްދާފައިވާ ގަސްތައް ނަގާނެ ކަމަށް ސާކިއުލާއަކުން މީގެ ކުރިން އަނގާފައިވާ ވާނެ ކަމަށެވެ.
އެ ރުއްގަސްތައް ދެވަނަ ފޭހަށް ގެންދާތީ އާންމުން ކަންބޮޑުވުން ފާޅުކުރާތީ އޮފިޝަލު ވިދާޅުވީ އެ ރުއްގަސްތައް ދެވަނަ ފޭހަށް ގެންދަނީ ނައްތާލުމުގެ ބަދަލުގައި ރަނގަޅު ގޮތުގައި ބޭނުން ހިފުމަށެވެ.
"ދުވާރު ކައިރީ ގްރީން ވޭޖާސްގައި ހުންނަ ބިޔަ ގަސްތައް އަޅުގަނޑުމެން ދޭތެރެ ދޭރެއިން ނަގައިގެން ގެންގޮސް އެހެން ސަރަހައްދުތަކުގައި ޖަހަން. އަސްލު އެހެން ހަދަނީ އެ ގަސްތައް ހަލާކު ކޮށް ނުލައި ރަނގަޅު ގޮތުގައި ބޭނުން ކުރަން. ރުއް ރުކާއި ބޮޑެތި މޫތައް ފައިބާ ގަސްތައް ގްރީން ވޭޖާސް ސަރަހައްދުގައި ނުޖެހޭނެ. އެއީ އޭގެ ސަބަބުން މަގަށް ގެއްލުން ވާތީ. ކުރިން ނެގި ގަސްތައް ހުންނާނެ ސެންޓްރަލް ޕާކުގަވެސް އިންދާފަ. އެކަމަކު މިހާރު ނަގާ ގަސްތައް މިގެންދަނީ ފޭސް ދެއަކަށް. އެތަން ދެން ގްރީން ކުރުމަށް." އެ އޮފިޝަލު ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ފޭސްގައި ހުރި ފުލެޓުތަކަށް މީހުން ބަދަލުވަމުން އަންނައިރު އެތަނުގައި ހިޔާ ލިބޭ ބޮޑު ގަހެއް ނެތެވެ.