ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މިނިމަމް ސެލެރީ ޕޮލިސީގައި ބިދޭސީ މަސައްކަތްތެރިން ބައިވެރިކުރުމަށް ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް މިޝަން ފޯ މައިގްރޭންޓް ވޯކާސް އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި 97،774 ބިދޭސީން މަސައްކަތް ކުރަމުން އަންނައިރު އެއީ ރާއްޖޭގެ އާބާދީގެ 22 ޕަސެންޓް ކަމަށެވެ. އަދި އޭގެ ތެރެއިންވެސް ގިނައީ ބަންގްލަދޭޝް މީހުން ކަމަށާއި ދެން އެންމެ ގިނައީ އިންޑިއާ މީހުން ކަމަށެވެ.
2014 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓުތަކަށް ބަލާއިރު ބިދޭސީ މަސައްކަތްތެރިންގެ އަދަދު އަހަރަކު 10 ޕަސެންޓަށް އިތުރުވެފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ. އަދި 2019 ވަނަ އަހަރު އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ރިޕޯޓެއް ނެރެފައިވާ ކަމަށާއި އެ ރިޕޯޓުގައި ކޮންސްޓްރަކްޝަން އަދި ޓުއަރިޒަމް ސެކްޓާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާއިރު އެ މީހުންގެ މުސާރަ ކުޑަ ކަމަށް ފާހަގަވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިހާ ކުޑަ އުޖޫރައަކަށް ބިދޭސީން މަސައްކަތް ކުރަމުންދާއިރު ދިވެހިންނާ އަޅައި ބަލާއިރު އެމީހުންނަށް ލިބޭ އެލަވެންސްވެސް ކުޑަ ކަމަށް އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ކޮވިޑުގެ ސަބަބުން ހުރިހާ ގޮތަކުން އެންމެ ބޮޑަށް އަސަރު ކުރީ ބިދޭސީ މަސައްކަތްތެރިންނަށް. ކުޑަ މުސާރައެއްގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންނަށް ބޭސްފަރުވާ ހޯދުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ. ކޮވިޑާއެކު ގިނަ ބިދޭސީންތަކެއް ވަޒީފާއިން ކަނޑައިލުމުގެ ސަބަބުން މަގުމައްޗަށް ނިކުމެ ވަނީ ސަލާން ޖަހަން ފަށާފަ. މުސާރަ ހޯދުމަށް ބިދޭސީން ވަނީ މުޒާހަރާ ކުރަން ޖެހިފަ." ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއިން ބުންޏެވެ.
އެހެން ކަމުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މިނިމަމް ސެލެރީ ޕޮލިސީގައި ބިދޭސީ މަސައްކަތްތެރިން ބައިވެރިކުރުމަށް ކަމާ ގުޅޭ ހުރިހާ އިދާރާތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.