ރާއްޖޭގެ އިގްތިސޯދީ ދުވެލި މިއަހަރު ގާތްގަނޑަކަށް 7.6 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށާއި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ އިގްތިސޯދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދުމަށް ކަމަށެވެ.
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރުކަމަށާއި މި އަހަރު ނިމޭއިރު އެ އަދަދަ 803.4 އަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުން އަމާޒު ހިފާފައިވަނީ، މި ވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް އެކަން ހާސިލުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އެއީ ގާތްގަނޑަކަށް ތިން މަހުގެ އިމްޕޯޓަށް ފުދޭ ވަރު ކަމަށެވެ. އަދި މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު،" އެމަނިކުފާނު ވިދާޅުވިއެވެ.