އިބްރާހިމް ޒަކީ
ގުދަން ކުރުމާއި ލޮޖިސްޓިކް ހިދުމަތްތައް ހިމެނޭ ގޮތަށް ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމުގެ މަސައްކަތް މިއަހަރު ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، "ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމަކަށްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، މާލޭ ކޮމާރޝަލް ހާބަރަށް ދިމާވެފައިވާ ތޮއްޖެހުންތަކުގެ ސަބަބުން، ވިޔަފާރިތަކަށް ވަނީ ނުހަނު ދަތިތަކާ ކުރިމަތިލާންޖެހިފައި،" ކަމަށެވެ.
ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމުގެ މަސައްކަތް ފަށަނީ، އެކަމަށް ހައްލެއް ހޯއްދެވުމަށްޓަކައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ގުދަން ކުރުމާއި ލޮޖިސްޓިކް ޚިދުމަތްތައް ހިމެނޭ ގޮތަށް، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ. މިބަދަލުތައް އައުމުން، މާލޭގައި ހުރި ގުދަންތަކާއި، ސިނާއީ މަސައްކަތް ކުރާ ގިނަ ތަންތައް މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެއަރޕޯޓްގެ ތަރައްގީއާ އެކުއެކީގައި، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުގެ ކެޕޭސިޓީ ވެސް އިތުރުކޮށް، ޚިދުމަތް ރަނގަޅު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.