އިބްރާހިމް ޒަކީ
އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދަން ބޭނުންވާ ގައުމީ ތަރައްގީއާ ގުޅޭ އެކި މަޝްރޫއުތަކަށް ފައިސާ ހޯދައި، މެނޭޖް ކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށްޓަކައި، "ގަވަރންމަންޓް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި މި އަހަރުގެ ތެރޭގައި ކުންފުންޏެއް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާުވެއްޖެ އެވެ.
އެމަނިކުފާނު މިއަދު ވިދާޅުވީ، އެކިއެކި ސަބަބުތަކާހުރެ ނުހެދި ހުރި ރަށްތައް ތަރައްގީކުރާނެ ފައިސާވެސް މި ނިޒާމުގެ ތެރެއިން، ހަމަޖައްސައިދެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ތަރައްގީގެ ވިސްނުން ހުންނާނީ ސަރުކާރުގައި އެކަނި ނޫން ކަމަށާއި، ސިޔާސީ ވިސްނުމާ ދުރު، އަމިއްލަ ކުންފުނިތަކުގައި، ތަރައްގީގެ ވިސްނުން މާ ފުންވެފައި، މުއްސަނދިވާނެ ކަމަށެވެ.
ހުސްވިމަހުގެ ތެރޭގައި، ރައީސް އޮފީހުން ތައާރަފު ކުރި، ބިޑްނުކޮށް އަމިއްލަ ފަރާތްތަކުގެ އިސް ނެގުމާއެކު ސަރުކާރުގެ މަޝްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލަށް އިޝާރާތް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ތަރައްގީކޮށްދޭނެ މަޝްރޫއުތައް، އަމިއްލަ ފަރާތްތަކުން ރާވައި، ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް މިހާރު ގާއިމް ކުރެވިފައިވާ ކަމަށެވެ.
"ޤައުމީ ތަރައްގީގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށްޓަކައި، އެ ފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއް. މިގޮތުން، ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް، ޓެކްސް ނެގުމުގެ ނިޒާމު ރިފޯމު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި،" ރައީސް ވިދާޅުވި އެވެ.