އިބްރާހިމް ޒަކީ
ސަރުކާރުގެ ވިސްނުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަކަށް ހެއްދެވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ ވިޔަފާރިއާ ބެހޭ ސިޔާސަތު ރައްޔިތުންގެ މަޖިލީހަށް ހާމަ ކޮށްދެެއްވަމުން، އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް ސޯލިހު މިއަދު ވިދާޅުވީ، ސަރުކާރުގެ ވިސްނުމުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުންފުނިތައް ރީސްޓްރަކްޗަރ ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ގައުމުގެ އިގުތިސޯދީ ސިޔާސަތަށް ބަލާއިރު، އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ވަދެ، އާންމުންގެ ވިޔަފާރިތަކަށް ލޮޅުން އަރާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން، ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިސްލާހުތަކަށް ބޭނުންވެފައެވެ.
އަދި އަތްނުފޯރާވަރަށް ހަރަދުތައް މައްޗަށް ގޮސް، އިންތިހާއަށް ދަރަނި އިތުރުވެ، މަޝްރޫއުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ހާލަތާއި، ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ.
"މި ސަރުކާރުގެ ވިސްނުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަކަށް ހެދުން. އަދި މިދެންނެވި ވިސްނުމުގެ ތެރެއިން ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މި އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައިދިނުމަށް، މިދިޔަ މަހު ގާއިމުކުރި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، އަންނަ މަހުން ފެށިގެން އެސްއެމްއީ ލޯނު ދޫކުރަން ފަށާނެ ކަމަށެވެ. އަދި އެ ކުންފުންޏަށް މި އަހަރުގެ ތެރޭގައި ލައިސަންސް ލިބި، ބޭންކަކަށް ބަދަލުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.