ޚަބަރު

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރުދިން އިނާދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އިބްރާހިމް ޒަކީ

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރުދިން މއ. ރެސްޓިންހައުސް، މުހައްމަދު އިނާދުގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

އޭނާ އެގޮތަށް އިންޒާރު ދީފައި ވަނީ ޓުވިޓާ މެދުވެރި ކޮށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީސުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، 30 ޖޫން 2021 ދުވަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓުވިޓާ ގައި، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި އިނާދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ 13 ވަނަ މާއްދާގެ (ހ) އާއި، ހަތަރު ވަނަ މާއްދާގެ (ށ) ގެ ދެ ވަނަ ނަންބަރާއި، ހަތަރު ވަނަ ނަންބަރާއި، ހަ ވަނަ ނަންބަރާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ.

މި ދައުވާ އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް އަންނާނެއެވެ.

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓު ކުރި މައްސަލައިގައި އޭނާ ހައްޔަރު ކުރީ ހުސްވި ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. އޭނާ ދިން އިންޒާރާ ގުޅިގެން އިންޑިއާ ހައިކޮމިޝަންގެ ސަލާމަތީ ކަންތައްވެސް ވަނީ ވަރުގަދަ ކޮށްފައެވެ.