މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް އިމާރާތެއް ނުހެދުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީ ސޯލިހު މިއަދު ވިދާޅުވީ މާލޭގައި ސަރުކާރުގެ އޮފީސްތައް އެޅުން ހުއްޓާލާއިރު މާލޭގެ ބައެއް ބިންތައްވެސް ހުސްކުރާނެ ކަމަށެވެ.
"މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް އަމާންކަމާއެކީ އުޅެވޭފަދަ ޖަޒީރާ މާހައުލަކަށް ބަދަލުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ހަލަބޮލިކަމާއި ދަތިތަކަކީ، އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކުރާ ކަންކަން ކަމަށެވެ.
"މާލޭގެ ތޮއްޖެހުން ނައްތާލައި، މާލެއަކީ، މާލޭގައި ދިރިއުޅޭ މީހުންނަށާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށްވެސް ހިތްފަސޭހަ އަމާން މާހައުލަކަށް ހެދުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި،" އެމަނިކުފާނު ވިދާޅުވިއެވެ.