ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން މީހަކު 25 އަހަރަށް ޖަލައި 100.000 ރުފިޔާގެ ޖޫރީމާނާއެއް ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެކުށް ސާބިތު ވެފައިވަނީ ގއ. ކޮލާމާފުށި، އޮޅުގިނަގެ، މުހައްމަދު އަޝްވީންގެ މައްޗަށެވެ. މުހައްމަދު އަޝްވީންގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ބުނީ، މުހައްމަދު އަޝްވީނާއި އިތުރު މީހަކާއެކު 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު 19:27 އެހާކަންހާއިރު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މުހައްމަދު އަޝްވީން، މ. ހަމީމުގޭ ކުރިމަތިން ސައިކަލެއްގެ ފަހަތު ޝީޓުގައި އިނދެގެން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު ވަގުތު މުހައްމަދު އަޝްވީނު ކަނާތު މުށުތެރެއިން މ.ހަލީމުގޭ ފުރާޅު މައްޗަށް އެއްލާލި ކަޅުކުލައިގެ އެއްޗެއްގައި 19.8195 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަހުލީލީ ރިޕޯޓުން ދައްކާތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި މުހައްމަދު އަޝްވީނަށް ލިބިދޭ ހުރިހާ ހައްގެއް ޝަރީއަތުން ވަނީ ސާފުކޮށްދީފަ އެވެ. ވަކީލަކު އައްޔަނު ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ މުހައްމަދު އަޝްވީންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނަނާނެ ހުކުމް ވެސް ވިދާޅުވެފަ އެވެ.
މުހައްމަދު އަޝްވީން އޭނާގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތަށް އިންކާރު ކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ދައުލަތުން ކުރި ދައުވާއަށް މުހައްމަދު އަޝްވީން އިންކާރު ކުރުމުން ޝަރީއަތުން ވަނީ ދެ ފަރާތަށް ވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ.
ދައުލަތުގެ ފަރާތުން މުހައްމަދު އަޝްވީންގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ގޮތުން ހަތް ޝަފަވީ ހެކި ހުށަހަޅައިފަ އެވެ. އެއީ މުހައްމަދު އަޝްވީން މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް ރިޕޯޓު ލިބުމާއި ގުޅިގެން އޮޕަރޭޝަންގައި ހަރަކާތްތެރި ވި ފުލުހުންނެވެ. އެ ހަތް ހެކިން ހުށަހެޅީ މުހައްމަދު އަޝްވީން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް މ. ހަލީމުގެ ފުރާޅު މައްޗަށް އެއްލާލިކަން ސާބިތު ކުރުމަށެވެ. މުހައްމަދު އަޝްވީން އޭނާގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
އެއަށްފަހު އަދަބު މަތިވާ ހާލަތާއި ދަށްވާ ހާލަތާ ގުޅޭ ގޮތުން ދެ ފަރާތަށް ވާހަކަ ދެއްކެމުގެ ފުރުސަތު ޝަރީއަތުން ވަނީ ދީފަ އެވެ. އެ ފުރުސަތުގައި ދައުލަތުން ވިދާޅުވެފައި ވަނީ، އެ ކުށަށް ގާނޫން ކަނޑައަޅަފާއިވާ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ފެށިގެން 10،000000 ރުފިޔާގެ ޖޫރިމާނާއެއް ކަމަށެވެ. ދައުލަތުން ވިދާޅުވެފައި ވަނީ މައްސަލައިގެ ޖޫރިމަނާ ކަނޑައެޅުމަށް ދައުލަތަށް އިއުތިރާޒެއް ނެތް ކަމަށެވެ. މުހައްމަދު އަޝްވީން އަދަބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ދެ ފަރާތުގެ ވާހަކަތަށް އަޑުއެެހުމަށްފަހު ޝަރީއަތުން ހުކުމްކުރީ މުހައްމަދު އަޝްވީން ޑައިމޯފިން ޓްރެފިކްކުރިކަން ކޯޓަށް ސާބިތުވުމުގެ ސަބަބުން 25 އަހަރަށް ޖަލައި 100،000 ރުފިޔާއިން ޖޫރިމާނާކުރާ ކަމަށެވެ.
މި މައްސަލަ ބެއްލެވީ ގާޒީ އަލްއުސްތާޒް ސަފްއަތު ހަބީބު އެވެ.