އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިިކަމުގެ ދައުރު ނިންމަވާއިރު، ރާއްޖެއަށް އިގްތިސާދީ ބޮޑު ކުރިއެރުމެއް ހޯދައި ދައުލަތުގެ ރިޒާވް އެއްބިލިޔަން ޑޮލަރަށް އެރުވުމަކީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމަށްފަހު، ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ މަނިޓަރީ ޕޮލިސީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒަރވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި ކަމަށެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް މިހައި މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން އަމާޒު ހިފާފައިވަނީ، އިގުތިސޯދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މި ވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒަރވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް އެކަން ހާސިލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު، ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާ ކަމަށެވެ.
އަދި 25.5 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށާއި، އެހެންކަމުން، މިދިޔަ އަހަރު ނިމުނުއިރު، ބަޖެޓު އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، 2018 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 47.9 ބިލިއަން ރުފިޔާ ކަމަށާއި، މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 58 އިންސައްތަ ކަމަށެވެ.
"ރާއްޖޭގެ އިގުތިސޯދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި، ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ. އެއީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު، 7.8 އިންސައްތަ އިތުރު މިންވަރެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް، މި އަހަރުގެ ތެރޭގައި ތައާރަފު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.