ޚަބަރު

ނުހައްގު މުއްސަނދިވުން ހުއްޓުވުމުގެ ބިލު ވަނީ މަޖިލީހަށް ފޮނުވާފައި : ރައީސް

އަހުމަދު ޖައިޝަން

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ގާނޫނުލް އުގޫބާތަށް އެކުށް އިތުރުކުރުމުގެ ބިލު މިހާރު ވަނީ މަޖިލީހަށް ފޮނުއްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އެ ބިލު އެކުލަވައިލައިފައިވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން އެ ކުށްކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް ކަމަށެވެ.

"ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަން މި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަގީންކޮށް އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނުހައްގުން މުއްސަނދިވުން ހުއްޓުވުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުމަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.