ޚަބަރު

ކޮރަޕްޝަނުގެ މޫތައް ފެތުރިގެން ދިޔައީ، ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، މުއައްސަސާތައް ކުޑަކަކޫ ޖެހުމުން: ރައީސް

އިބްރާހިމް ޒަކީ

ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ރާއްޖޭގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ފާހަގަ ކުރައްވައި ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުންކުރިއިރު، އެކަމާ ދެކޮޅަށް ކަމާބެހޭ މުއައްސަސާތަކަށް އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމާ ހަވާލުވިއިރު، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް ވެސް މި ދައުލަތުގައި ނެތޭ ދެންނެވިދާނެ. ފަސާދަ އާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ގައުމުގައި ނެތް. އެ ހާލަތަށް ގައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ގާނޫނުތަކާއި ގަވާއިދުތައް ނެތީއެއް ނޫން. އެފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރާނެ އިދާރާތައްވެސް ހުރީ އާންމު އުސޫލުން ހިނގަހިނގާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމް.އެމް.ޕީ.އާރު.ސީ.ގެ ކޮރަޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިހާރު ވަނީ ހޯދިފައި ކަމަށާއި ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަހުގީގުތައް ފަށާފައިވާއިރު، ބޭރު ގައުމުތަކުގެ އިދާރާތަކުގެ އެހީތެރިކަން ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

"ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ހަގީގަތާ ހަމައަށް ވާސިލުވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ." ރައީސް ވިދާޅުވި އެވެ.