ޚަބަރު

އަމީންގެ ޝަރީއަތް މިއަދު ކުރިއަށް ނުގެންދެވުނު

މުހައްމަދު އިޝާން

ޓެރަރިޒަމްގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ މުހައްމަދު އަމީންގެ ޝަރީއަތް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭގޮތް ނުވުމުން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

އަމީންއަކީ ރާއްޖޭގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ލިޑަރުކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ. އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ހައި ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުގައި މިއަދު ތާވަލު ކުރި ނަމަވެސް ވަކީލަކު ހަމަޖެއްސިފައި ނެތުމުން އެ އަޑުއެހުން ކުރިއަކަށް ނުގެންދެވުނެވެ. މިއަދު ނުވައެއް ޖެހިއިރު ފެށި އެ އަޑުއެހުމަށް އަމީން ހާޒިރުވެފައިވަނީ ވަކީލަކާ ނުލައި، އެކަންޏެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަން ހުންނެވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އެވެ. އަޑުއެހުން ފެއްޓެވުމަށްފަހު ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަމީންގެ ވަކީލު އަހުމަދު ޔާމީން ބަލިވެ އުޅޭ ކަމަށް ކޯޓަށް އަންގާފައިވާ ކަމަށާއި ދެވަނަ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަށް ފޮނުވާފައިވާ ވަކީލުގެ މައުލޫމާތު ފޯމް ފުރިހަމަ ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އަމީން ބުނީ، ސިއްހީ މައްސަލައެއް ދިމާވެގެން އުޅެނީ އޭނާއަށް ކަމަށެވެ. ރޭ ޑޮކްޓަރަށް ދެއްކުމަށްފަހު ގެއަށް އާދެވުނީ ފަތިހު ހަތަރެއް ޖެހި ފަހުން ކަމަށް ވެސް އަމީން ބުންޏެވެ. އެކަމުގެ ތަފްސީލު ފުލުހުންނަށް އިނގޭނެ ކަމަށާއި މެޑިކަލް ސެޓްފިކެޓް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް އަމީން ބުންޏެވެ.

ދެ ވަނަ ވަކީލެއްގެ ގޮތުގައި އަމީންގެ ފަރާތުން ފޮނުވާފައި ވަނީ، އިސްމާއިލް ވިޝާމް އެވެ. ދެ ވަނަ ވަކީލަކަށް ހުށަހެޅި ފޯމުގައި އިސްމާއިލް ވިޝާމްގެ ފޯމުގައި އިނގިލީގެ ނިޝާނާއި ސޮއި ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ބާވާތުން އެއީ ހަތް ދުވަސްތެރޭގައި ނިންމަން ޖެހޭ މައްސަލައެއް ކަމަށް ވުމުން މައުލޫމާތު ފޯމް އަލުން ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އުއްތަމަ ފަނޑިޔާރު އެންގެވިއެވެ. އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދު އެވެ.

ހައި ކޯޓުން އަމީން މައްޗަށް ކޮށްފައިވާ ދައުވާތަށް ބާތިލު ކުރީ މޮނިކޮމް އަމުރެއް ނެރުމަށް ފަހު އެވެ. މޮނިކޮން އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ރޭގަނޑު ހަޔަކުން ހެނދުނު ހަޔަކަށް ގެއިން ބޭރަށް ނުކުތުން މަނާވާނެ ކަމަށެވެ. އެ އަމުރުގައި ވާ ގޮތުން އޭނާއަށް ފުލުހުންގެ ހުއްދަ ނެތި މާލެއިން ބޭރަކަށް ވެސް ނުދެވޭނެ އެވެ.

2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ވެސް އަމީނަށް ތުހުމަތު ކުރެވުނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރަން އުޅުމުން ވަނީ ފިލައިގެން ސްރީ ލަންކާ އަށް ގޮސްފަ އެވެ. އެއާއެކު އޭނާ ހޯދަން އިންޓަޕޯލް ރެޑްނޯޓިސް ނެރުނެވެ. ސްރީލަންކާ އިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީ އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުންދާ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދޭކަމަށް އެމެރިކާއިން ތުހުމަތުކުރެ އެވެ.