ރިފާ ހަލީލު
ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފި އެވެ.
ގިނަ ބައެއްގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު، 36، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
އޭނާގެ ބަންދު މުއްދަތު އިއްޔެ އިތުރު ކޮށްފައިވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. މި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މަސާއިދު ބަންދުން ދޫކޮށްލައިފި ނަމަ އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް ޕީޖީން އެދުނު ނަމަވެސް ކޯޓުން އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ.
މަސާއިދުގެ މައްޗަށް 11 ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައެވެ.
މަސާއިދުގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ އޭނާގެ އޮފީހުގައި އޮތް ދެ ޓީބީގެ ހާޑް ޑްރައިވަކުން މިލިއަނެއްހާ ފޮޓޯ އާއި ޕާސަނަލް ފައިލްތައް ހޯދައިފައެވެ. އޭނާގެ މައްޗަށް ކުރަނީ ސައިބާ ކްރައިމްގެ ތުހުމަތެވެ.