ޚަބަރު

ނޭބަހުޑް ޕޮލިސްގެ ހިދުމަތް މި އަހަރުގެ ތެރޭގައި އަތޮޅުތަކަށް

އަހުމަދު ޖައިޝަން

ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމުގެ މަގުސަދުގައި މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ "ނޭބަހުޑް ސަޕޯޓް ސާވިސް" މިއަހަރުގެ ތެރޭގައި އަތޮޅުތަކުގައިވެސް ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަގައި ދަރުބާރުގޭގައި މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭފަދަ ހިތްފަސޭހަ، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ހިދުމަތް ދެވޭނެ ގޮތަށް ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް އަންނަނީ މިހާރު ގެންނަމުން ކަމަށެވެ.

ނޭބަހުޑް ސަޕޯޓް ސާވިސް ތައާރަފުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކާއި އެސަރަހައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ކުށްމަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު، އެސަރަޙައްދުގައި ހިމެނޭ އާންމު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ.