އިބްރާހިމް ޒަކީ
އަންނަ އަހަރުން ފެށިގެން، އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ އިގްދިސާދީ އެޖެންޑާގައިވާ މުހިއްމު ކަންކަން، ރިޔާސީ ބަޔާން މެދުވެރި ކުރައްވައި ރައްޔިތުންގެ މަޖިލީހަށް އިއްވަަވަމުން ރައީސް އިބްރާހިމް ސޯލިހު މިއަދު ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިއާ އަޅައި ބަލާއިރު، ރާއްޖޭގެ އިގުތިސާދީ ދުވެލި، އެތައް ގުނައަކުން ހަލުވިވެފައި މިވަނީ، ޓެކްސް ނިޒާމު ތައާރަފްކުރުމުން ކަމަށެވެ.
މުޅި ގައުމުގެ އިގުތިސޯދީ ނަފާއިން، ދައުލަތަށް ލިބޭ މިންވަރު، މިހާރަށްވުރެ އިތުރުކުރުމަކީ، ޖަޒީރާވަންތަ އިގުތިސޯދެއް، ކުރިލައި ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން، އަޅުގަނޑު ގަސްދުކުރަނީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން، އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ. އޭރުން، އަޅުގަނޑުމެން މި އެދޭ، ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަކަން ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ބޮޑެތި މުއްސަނދިންނާއި ގިނައަދަދެއްގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމްޓެކްސް ނެގުމަކީ ރައީސް އިބްރާހިމް ސޯލިހުގެ ރިޔާސީ ވައުދު ތަކުުގެ ތެރޭގައި ހިިމެނޭ ކަމެވެ.
ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޑްރާފްޓް ކޮށްފައިވާ އިންކަމް ޓެކްސްގެ ބިލުގެ ޑްރާފްޓްގައި ވަނީ، ފަސްދޮޅަސް ހާސް ރުފިޔާގެ އާމްދަނީ ލިބޭ މީހުނުން ފެށިގެން މައްޗަށް އިންކަމް ޓެކްސް ނެގުމަށް ހިމަނައިފަ އެވެ.