ޚަބަރު

"މަގާމާ ހަވާލުވިއިރު ދައުލަތުގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިން ކިލަނބު ނުވާ އެންމެ ގުނަވަނެއްވެސް ނެތް"

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް ވެސް ދައުލަތުގައި ނެތް ކަމަށާއި ފަސާދައާއި ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް ގައުމުގައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން އެމަނިކުފާނު ވިދާޅުވީ ގައުމު އެފަދަ ހާލަތަކަށް ދިޔައިރު ކޮރަޕްޝަން ހުއްޓުވާނެ ގާނޫނާއި ގަވާއިދުވެސް ހުރި ކަމަށެވެ.

އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރާނެ އިދާރާތައްވެސް ހުރީ އާންމު އުސޫލުން ހިނގަހިނގާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ހިޔާނާތުގެ ކުރިމަތީގައި، އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މުދަލާއި ކޮރަޕްޝަނާއި ހިޔާނާތުގެ ހުރިހާ މައްސަލައެއްގެ ހަގީގަތަކަށް ވާސިލުވެ އެ ފައިސާތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.