އިބްރާހިމް ޒަކީ
މިއަދު މިނިވަން ސިޔާސީ ހަރަކާތްތަކަށާއި، ތަފާތު ސިޔާސީ ފިކުރުތަކަށް އަމާން މާހައުލެއް ތަނަވަސްވެފައިވުމުން، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ދިރުން ލިބިއްޖެ، ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، އެމަނިކުފާނު މަޖިލީހަށް ހުށަހެޅުއްވި އެންމެ ފުރަތަމަ ރިޔާސީ ބަޔާން މިއަދު ހުށަހަޅުއްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، މިހާރު ރައްޔިތުންގެ އުފާވެރިކަން އިތުރުވެފައިވާ ކަމަށެވެ.
ރައިސުލް ޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު، ރާއްޖޭގެ ވެރިކަމާ ހަވާލުވުވެވަޑައިގެންނެވީ، ރާއްޖޭގެ ސިޔާސީ މަސްރަހު، ވަރަށް ބޮޑަށް ހަލަބޮލިވެ، ތަޣައްޔަރުވެފައި އޮތް ދުވަސްވަރެއްގައި ކަމަށެވެ.
"އަޅުގަނޑު މި ރާއްޖޭގެ ވެރިކަމާ ހަވާލުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު، ވަރަށް ބޮޑަށް ހަލަބޮލިވެ، ތަޣައްޔަރުވެފައި އޮތް ދުވަސްވަރެއްގައި. އިޖުތިމާއީ ފޭރާން އޮތީ، ވީދި ހަސްފަސް ނެތިފައި. ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނާއި، އިސްލާހަށް މަސައްކަތްކުރި ގިނަ ބަޔަކު ތިބީ، ނުހައްގު ހުކުމްތަކެއްގައި ކަސްތޮޅު އެޅުވިފައި. ނަމަވެސް މިއަދު މިނިވަން ސިޔާސީ ހަރަކާތްތަކަށާއި، ތަފާތު ސިޔާސީ ފިކުރުތަކަށް އަމާން މާހައުލެއް ތަނަވަސްވެފައިވުމުން، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ދިރުން ލިބިއްޖެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން އެމަނިކުފާނު ވެރިކަމަށް އިސްކުރީ، ކޮރަޕްޝަނާއި ވައްކަމުގެ ކިލަނބުކަން ދޫކޮށް، ނަޒާހަތްތެރިކަމާއެކު އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައެވެ. އަނިޔާ އާއި ބޭއިންސާފުގެ ނާމާންކަމުން، އަދުލު އިންސާފުގެ މަގަށް ރުޖޫއަވާން އެދޭތީ އެވެ. ސިޔާސީ ބިރުވެރިކަން ނައްތާލައި، އިޖުތިމާއީ އަމާންކަން ގާއިމުވާން ބޭނުންވާތީ އާއި މި ޖަޒީރާ ރަށްތަކުގައި ބިރުވެރިކަމެއްނެތި، ހިތްހަމަޖެހިގެން، އަމިއްލަ ހަލާލު މަސައްކަތުން އާމްދަނީ ހޯދައި، ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް ބޭނުންވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.