އިބްރާހިމް ޒަކީ
ދައުލަތް ހިންގުމުގެ ހުރިހާކަމެއް މިސްރާބު ކޮށްފައި މިވަނީ، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދީ އިޖުތިމާއީ އަދާލަތު ގާއިމް ކޮށްދިނުމަށް ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަގައި ދަރުބާރުގޭގައި މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިނދުން ފެށިގެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ހިޔަލުގައި، އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ގާނޫނުގެ ވެރިކަމެއް ކަމަށެވެ.
"ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިސްރާބު ކުރެވިފައި މިވަނީ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އިޖުތިމާއީ އަދާލަތު ގާއިމުކޮށްދިނުމަށް. ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށް،" ރައިސުލް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރައި ގެނައުމަށްޓަކައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ވަރަށް ގިނަ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ލިބޭނެކަން ޔަގީންކޮށްދިނުމަށްޓަކައި، ޝަރުއީ ދާއިރާ އިސްލާހް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.