ޚަބަރު

އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެއަށް ލިބޭ އާމްދަނީ 30 ބިލިއަނަށް އިތުރު ކުރުން: ރައީސް

އެމަނިކުފާނުގެ އިގްތިސާދީ އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާ އަށް އިތުރުކުރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށްޓަކައި ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ސިޔާސަތު ބަޔާންކޮށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި، ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެޥޭ ކަމަށެވެ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު، 7.8 އިންސައްތަ އިތުރު މިންވަރެއް ކަމަށްވެސް ވިދާޅުވި އެވެ.

"މީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ. އަޅުގަނޑުގެ އިޤްތިޞާދީ އަމާޒަކީ، އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް، މި އަހަރުގެ ތެރޭގައި ތަޢާރުފް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.